Panama Papers in Engunu 10 kanthahthah
image
0 ކޮމެންޓް
 

ޕެނަމާ ޕޭޕާސް އިން އެނގުނު 10 ކަންތައްތައް!

ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ސިޔާސީ އިސްވެރިންނާއި މަޝްހޫރު ފަރާތްތަކުން ޓެކްސް އަށް މަކަރު ހަދައި އޮޅުވާލުމަށް އެހީތެރި ވަމުން އަންނަ މޮސެކް ފޮންސެކާގެ ލޯ ފާމެއްގެ ޑޮކިއުމެންޓްތަކެއް މި ވަނީ ލީކްކޮށްލާފައެވެ.

ޕެނަމާ ޕޭޕާސްގެ ނަމުން މަޝްހޫރު ވެފައިވާ މި ޑޮކިއުމެންޓް ތަކުގައި 11 މިލިއަން ޑޮކިއުމަންޓު ހިމެނެވެ. މި ލިޔުންތަކުން އެނގޭ ގޮތުގައި ޕެނަމާގެ ގާނޫނީ ލަފާދޭ ކުންފުނި މޮޒެކް ފޮންސެކާއިން 40 އަހަރު ވަންދެން އެކި ފަރާތްތަކަށް ޓެކްސް ނުދައްކާ ފިލޭނެ ގޮތްތަކާއި މަނީ ލޯންޑްރިން ކުރުމަށް އެހީ ވެފައިވެއެވެ.

ނަމަވެސް އެ ކުންފުނިން ބުނަމުން ދަނީ 40 އަހަރުވީ އެކުންފުނީގެ ދިގު މާޒީގައި ދުވަހަކުވެސް ގާނޫނާއި ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ޕެނަމާ ޕޭޕާސް އިން އެނގުނު 10 ކަންތައް:


1- ލީކް ކޮށްލި ޑޮކިއުމެންޓް ތަކުގެ ތެރޭގައި ދުނިޔޭގެ 143 ސިޔާސީ ފަރާތްތައް ހިމެނޭއެވެ. އޭގެ ތެރޭގައި އެކި ގައުމުތަކުގެ 12 ލީޑަރުން ހިމެނޭ އެވެ. އަދި އެ ބޭފުޅުންގެ ގާތްތިމާގެ ބައެއް މީހުން ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަ ވަނީ މީގެ ތެރެއިން ފެން މަތިވެފައެވެ.

2- ގައުމުން ބޭރުގައި ފައިސާ ފޮރުވާފައިވާ ސިޔާސީ އިސް ފަރާތްތަކުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް، އިރާގުގެ ކުރީގެ ނައިބު ރައީސް އަޔާދު އައްލާވީ، ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ އަދި މިސްރުގެ ކުރީގެ ރައީސްގެ ދަރިކަލުން އަލާ މުބާރަކް ހިމެނެއެވެ.

3- އައިސްލޭންޑުގެ ބޮޑުވަޒީރު ސިގްމަންދޫރް ގަންލޯގްސަން އާއި އޭނާގެ އަނބިކަނބަލުން ވަނީ ގައުމުން ބޭރުން ކުންފުންޏެއް 2007ވަނަ އަހަރު ގަނެފައެވެ. 2009 ވަނަ އަހަރު ގާނޫނު ހަދާ މަޖިލީހަށް ހޮވުމަށް ފަހު އައިސްލޭންޑްގެ ބޮޑުވަޒީރު މި ކުންފުނީގެ މައުލޫމާތު ހިއްސާ ކުރައްވާފައެއް ނުވެއެވެ. މީގެ އަށް މަސް ފަހުން އައިސްލޭންޑްގެ ބޮޑުވަޒީރު ވަނީ މި ކުންފުނީގެ %50 އިންސައްތަ ހިއްސާ އެއް ޑޮލަރަށް ވަނީ ވިއްކާލާފައެވެ.
ގައުމުން ބޭރުގައި ހިންގަމުން ދިޔަ މި ކުންފުނިން ވަނީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކޮށްފައި ކަމަށް ބޮޑުވަޒީރުގެ އަންހެނުން ސޮއި ކުރައްވާފައިވާ ލިޔުމަކުން ހާމަވެއެވެ.

_89002417_icelandpmnew_cut_edited-1
4- ލީކުވި ފައިލްތަކުގައި ރަޝިއާގެ ރައީސް ވަލްޑިމިއާ ޕޫޓިން، ގާތް ފަރާތްތަކާއި އެކު މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގާފައިވާކަން ހިމެނެއެވެ. އެގޮތުން އެ އަމަލުތައް ހިންގާފައިވަނީ ޕޫޓިންގެ ރަހުމަތްތެރިއެއް ހިންގާ ރޮސީޔާ ބޭންކް މެދުވެރިކޮށެވެ. ރަޝިއާއިން ޔޫކްރެއިންގެ ކްރައިމިއާ ހިފުމާއި ގުޅިގެން އެމެރިކާއާއި އީޔޫ އިން މި ބޭންކް ބޭން ކޮށްފައެވެ.

5- ޔޫކޭގެ ކޮންޒަވޭޓިވް ޕާޓީގެ ތިން ޕާލިމެންޓު މެމްބަރުންނާއި، ހައުސް އޮފް ލޯޑްސްގެ ހަ މެމްބަރުން އަދި އެގައުމުގެ ސިޔާސީ ޕާޓީތަކަށް އެހީވާ 12 ވަރަކަށް ފަރާތްތައް ގައުމުން ބޭރުގައި މުދާ ފޮރުވާފައިވެއެވެ.

6- މޮޒެކް ފޮންސެކާގެ ހިދުމަތް ހޯދި ފަރާތްތަކުގެ ތެރޭގައި ރަޝިއާ، އުތުރު ކޮރެއާ، ޒިމްބާބްވޭ، ސީރިއާ އަދި އީރާނުގެ ހުދުމުހުތާރު ވެރިކަމަށް ތާއީދު ކުރުމުގެ ސަބަބުން އެ މީހުންގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ 23 މީހުން ހިމެނެއެވެ.

7- ދުނިޔޭގެ ފުޓުބޯޅަ ފެޑަރޭޝަން، ފީފާގެ ސުލޫކީ ކޮމިޓީގެ ބޭފުޅެއްވެސް މީގެ ތެރޭގައި ހިމެނޭއެވެ. މި މީހާ ވަނީ ދާދި ފަހުން ރިޝްވަތުގެ ދައުވާ އެ ފަރާތްތަކުގެ މައްޗަށް އުފުލިފައިވާ ކުންފުނިތަކުގެ ގާނޫނީ ވަކީލު ކަމުގެ މަގާމުވެސް އަދާކޮށްފައެވެ.

8- ޗައިނާގެ ސިޔާސީ އިސް މަގާމުތައް ފުރަމުންދާ އަދި ކުރިން ފުރާފައިވާ އަށް ބޭފުޅެއްގެ އާއިލާތައް ބޭރު ގައުމުތަކުގައި އެމީހުންގެ މުއްސަނދިކަން ފޮރުވައިގެން އުޅެއެވެ.

9- މޮޒެކް ފޮންސެކާއިން ހިދުމަތް ހޯދާ ފަރާތްތަކުގެ މުއްސަނދިކަން ފޮރުވާ ދިނުމުގެ އިތުރުން ފައިސާގެ އަސްލު ވެރި ފަރާތް އޮޅުވާލާ ދެއެވެ.

10- އެ ލިޔުންތަކުގައި މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް، ލީބިޔާގެ އަވާހަރަ ކޮށްލާފައިވާ ކުރީގެ ރައީސް މުއައްމަރު ގައްޒާފީ އަދި ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދު އާއި ގުޅުން ހުރި، ގައުމުން ބޭރުގައި އޮޕަރޭޓް ކުރާ ކުންފުނިތަކުގެ މައުލޫމާތު ފަޅާއަރާފައިވެއެވެ.

މޮސެކް ފޮންޒެކާއިން ބުނީ އެ ކުންފުނި ނިސްބަތްވާ ގައުމުގެ އުނދަގުލެއް ނުފޯރާ ހިސާބު ތަކުގައި ނުވަތަ ދުނިޔޭގެ 40 ގައުމެއްގައި އެ ކުންފުނި އޮޕަރޭޓް ކުރަމުންދާތާ 40 އަހަރު ވެފައިވާ ކަމަށާއި ދުވަހަކުވެސް ގާނޫނާއި ހިލާފު އަމަލެއްގައި ބައިވެރިވެފައި އަދި އެފަދަ އަމަލެއް ކުރުމަށް އެހީވެސް ވެފައި ނުވާނެ ކަމަށެވެ.

އަދި ކަމާއި ބެހޭ ފަރާތްތަކުން ގާނޫނާއި ހިލާފު ކަމެއް ފާހަގަ ވެގެން ތަހުގީގު ކުރުމަށް ހުށަހެޅިއަސް އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު