Hithaai Fuhpaamey Transplant hadhan jehifaivaa zuvaanehge hihdhathi dhirirulhun
image
އަސްރާ، އޭނާގެ ބައްޕައާއެކު--
0 ކޮމެންޓް
 

ހިތާއި ފުއްޕާމޭ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ ޒުވާނެއްގެ ހިތްދަތި ދިރިރުޅުން

ޏ. ފުވައްމުލަކަށް އުފަން އުމުރުން އެންމެ 28 އަހަރުގެ އައިމިނަތު އަސްރާއަކީ ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވަމުން އަންނާތީ ޑޮކްޓަރަށް ދައްކަމުން އަންނަ ޒުވާނެކެވެ. މިދިޔަ އަހަރުގެ މެދު ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމުން އަސްރާއަށް އެއިސެންމެންގާރ ޖެހިފައިވާކަން އެނގުނުއިރު އެ ބަލިން ފުރިހަމައަށް ސަލާމަތްވުމަށް އޮތް ގޮތަކީ ފުއްޕާމެ އާއި ހިތުގެ ޓްރާންސްޕްލާންޓެއް ހެދުން ކަމަށް ޑޮކްޓަރުން ބުނެއެވެ. އެހެންވެ، ބެންގަލޫރުގައި ހުންނަ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް އަސްރާ މިވަގުތު އިންޑިއާގައި ހުރީ އޭނާގެ ފިރިމީހާ ޔާސިރު އަހުމަދާއި އަސްރާގެ އަންހެން ކޮއްކޮއާއެކުއެވެ.
އަސްރާގެ ބަލި ހާލަތާއި ގުޅިގެން ސީއެންއެމްއާ ވާހަކަ ދައްކަވަމުން ޔާސިރު ބުނީ، މިދިޔަ ޑިސެމްބަރު މަހު އަސްރާއަށް އެއް ދުވަހުގެ މަތިން ދެ ސްޓްރޯކު ޖެހި އޭނާގެ ހާލަތު އިތުރަށް ސީރިއަސް ވިކަމަށެވެ. އަދި އެދުވަހަށް ފަހު އަސްރާގެ ވާއަތު ފަޅީގައި ވާޅު ގޮތެއް ހުންނާތީ ހަރަކާތްތެރިވެ ހަދަން އުނދަގޫ ކަމަށެވެ. އެކަމަށް މިހާރު ވެސް ފަރުވާ ހޯދަމުން އަންނައިރު 80 އިންސައްތަ މިހާރު ވަނީ ރަނގަޅުވެފައެވެ. އެކަމުން މުޅިން ރަނގަޅުވުމަށް ވަގުތު ނަގަނީ އަސްރާގެ ހިތާއި ފުއްޕާމޭގެ މައްސަލައިގެ ސަބަބުން ސިކުނޑިއަށް ފޮނުވަންޖެހޭ ވަރަށް އޮކްސިޖަން ނުލިބޭތީ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ޔާސިރު ބުނެއެވެ.

-އަސްރާ އިންޑިއާގައި

ސްޓްރޯކް ޖެހިގެން އަސްރާއަށް ދިމާވި ސިއްހީ އުނދަގޫތަކުން މިހާރު މަޑުމަޑުން އަރައިގަނެވެމުން އަންނައިރު މިހާރު ވެސް އެ އޮޕަރޭޝަން ކުރެވިދާނެ ކަމަށާއި ގުނަވަންތައް ހަމަޖެހޭތާ ފަސް ގަޑިއިރު ތެރޭ އޮޕަރޭޝަން ފަށަން ޖެހޭތީ ހޮސްޕިޓަލާ ވީހާވެސް ކައިރި ހިސާބެއްގައި އުޅުމަށް ޑޮކްޓަރުން ވަނީ ލާފާ ދީފައެވެ.

-އިންޑިއާގައި ފަރުވާ ހޯދަނީ
ނޭޝަނަލް އޯގަން އެންޑް ޓިޝޫ ޓްރާންސްޕްލާންޓް އޯގަނައިޒޭޝަން (ނޮޓޯ) ގައި މިހާރު އަސްރާ ރަޖިސްޓާ ކުރެވިފައިވާއިރު އަސްރާއަށް ހިތާއި ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަން ލިބުމުގެ ފުރުސަތު ބޮޑެވެ.

އެ އޮޕަރޭޝަނަކީ އާސަންދައިގެ ދަށުން ކުރެވޭ އޮޕަރޭޝަނެއް ނަމަވެސް އޮޕަރޭޝަން ކުރެވި ރިކަވާ ވަންދެން އިންޑިއާގައި އެމީހުން ތިބެން ޖެހެއެވެ. އެކަމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވަނެ ކަމަށް ލަފާކުރެވޭއިރު އެކަމަށް ވަރަށް ގިނަ ފައިސާ ހަރަދުވާނެ އެވެ. އެގޮތުން މިހާރު ވެސް ކެއުމާއި ހުރުމުގެ އިތުރުން ހޮސްޕިޓަލަށް ދިއުމަށް ކުރާ ދަތުރުތަކަށް ވެސް ފައިސާ ދައްކަން ޖެހެނީ އަމިއްލައަށެވެ.

"ކޮންމެ ދުވަހަކު ދާން ޖެހޭ ހޮސްޕިޓަލަށް ޕިޒިއޮތެރަޕީ ހަދަން. އަދި ގިނަ ފަހަރަށް ބޭސް ވެސް ނަގަން ޖެހެނީ އަމިއްލަ ހަރަދުގަ، ހޮސްޕިޓަލުގައި ހުންނަ ފާމަސީން ނުލިބޭތީ، މެއިންލީ ޗިކަން އެންޑް ވެޖިޓަބަލްސް ކާން ޖެހޭތީވެ ކެއުމަށް ވެސް ގާތްގަނޑަކަށް 10000 (އިންޑިއަން ރުޕީސް) ހަރަދުވޭ،" ޔާސިރު ބުންޏެވެ.

ހިތާއި ފުއްޕާމޭގެ ގުނަވަން ހޯދުމަށް އެ އާއިލާއިން މަސައްކަތް ކުރަމުން އަންނައިރު މީގެ ކުރިން ވެސް އަސްރާގެ ފަރުވާއަށް ފައިސާ ހޯދުމަށް އާއިލާއިން ވަނީ އަސްރާގެ އުފަން ރަށުގަ އާއި މާލޭގައި ވެސް ތަފާތު އިވެންޓުތައް ބާއްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން އެމީހުން އިންޑިއާގައި ތިބިއިރު އެ އާއިލާއިން މިވަނީ އަސްރާގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް ބޮޑަށް އާންމުންގެ އެހީއަށް ބޭނުންވެފައެވެ.

އައިމިނަތު އަސްރާއަށް އެހީވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅައިގެން އެކަން ކުރިއަށް ގެންދިއުން އެދެމެވެ. އެމީހުން މިވަގުތު އިންޑިއާގައި ތިބި ނަމަވެސް ޔާސިރު އަހުމަދު (އަސްރާގެ ފިރިމީހާ) ގެ ފޯނު ނަމްބަރު، 7795796 އަށް ވައިބާ ކުރެވޭނެއެވެ.

އެހީވާން ބޭނުންވާ ފަރާތްތަކަށް:
އަސްރާގެ ޑޮލަރު އެކައުންޓު: 7730000256391
އަސްރާގެ ފައިސާ އެކައުންޓު: 7730000142133
ފޯނު: 7755054 - އަހުމަދު މުހައްމަދު (އަސްރާގެ ބައްޕަ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު