ޕީޕީއެމްގެ ލީޑާރޝިޕް ފެއިލްވީ ރައްޔިތުންނަށް އިހުލާސްތެރިވުމަށެވެ. ގަދަފަދަ ކޮށް ދައްކަމުން އައި ޕާޓީއެއް ފެއިލްވެއްޖެ ކަމަށް އެބޭފުޅުންގެ ތެރެއިން ބޭބޭފުޅުން ގަބޫލުކުރައްވާ ވާހަކަ އިވުމުން ހައިރާނެއް ނުވިއެވެ. ހައިރާންވީ އެބޭފުޅުންނަށް އެކަން ވިސްނުމަށް ގިނަ ދުވަސްތަކެއް ނެގީތީވެއެވެ.
ފެއިލް ވެއްޖެ ކަމަށްބުނެ ޕާޓީގެ ލީޑާރޝިޕުން އިސްތިއުފާ ދެއްވާ، ދެންވެސް ލީޑާރޝިޕްގައި ތިއްބެވި ފެއިލްވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއިރު، ހިތާމައަކީ ފެއިލްވި ކަމަށް އެވިދާޅުވާ ފަރާތްތަކެއްގެ ނަން ހާމަކުރައްވަން ނުކެރުނީތީއެވެ.
ފެއިލްވުމުގެ ވާހަކަ ދައްކާއިރު، މިބޭފުޅުން ހަމައެކަނި ފެއިލްވީ ސިޔާސީ މަސައްކަތުގައެއްވެސް ނޫނެވެ. މިބޭފުޅުން ފެއިލްވީ ރައްޔިތުންނަށް އިހުލާސްތެރި ނުވުމުންނެވެ. އެކަން އެބޭފުޅުންނަށް އަދިވެސް އިނގުނުކަމެއް ދަންނަވާކަށް ނޭންގެއެވެ.
ވެރިކަމުގެ ތަހުތުގައި އެބޭފުޅުން ބޭތިއްބުމަށް ރައްޔިތުން ދިން ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ އެބޭފުޅުން ފެއިލްވި އަސްލެވެ. މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ދިނުމުން ވަކިވަކި ފަރުދުންނަށް އަމާޒުކޮށް ޤާނޫނުތައް ބަދަލުކުރުމަކީ އެބޭފުޅުން ފެއިލްވި އެއް ސަބަބެވެ. ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް މަޤާމުން ދުރުކުރުމަށް ޤާނޫނުނަށް އިސްލާހުގެނައުމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މަޤާމުން ދުރުކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމާއި، އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތު ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުންފަދަ ކަންކަމެވެ. ކުރީގެ ޕީޖީ މުހުތާޒް މުހުސިން މަޤާމުން ވަކިކުރެވުނު އައިބު ގޮތެވެ. ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަށް ފާސްކުރެވުނު ޤާނޫނެވެ.
މީގެ އިތުރުން ރައްޔިތުންގެ ލޯބި ލިބިގެންވީ ކުރީގެ ރައީސުން ހިފާ ހައްޔަރުކޮށް ޖަލުގެ ކުޑަގޮޅި ދެއްކުމަކީ، އެބޭފުޅުން ފައިލްވި އެއް ސަބަބެވެ. ރައްޔިތުން އެމީހުންގެ އަޑު އިއްވުމަށް ހޮވާފައި ތިބި މަންދޫބުން މަޖިލީހަށް ނުވައްދާ މަޖިލިސް ތަޅުއަޅުވާ މަޖިލީހުގެ ރިޔާސަތުވަށާ "ޗައިނާ ބޮޑު ފާރު" ރާނައިގެން ރައްޔިތުންގެ ކަރަށް ފައިންއެރިއެރުމަކީ އެބޭފުޅުން ފެއިލްވި އަނެއް ސަބަބެވެ.
3 ބާރުއެއްކޮށް، 2008 ވަނަ އަހަރު ރައްޔިތުން ލިބިގަތް ފެހި ޤާނޫނުއަސާސީން ކަށަވަރުކުރި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، ސިޔަސީ ހަރަކާތްހިންގުމަށް ދަތިކޮށް ސިޔާސީ މީހުނާއި އާއްމުރައްޔިތުންނާއި ނޫސްވެރިން ހިފާހައްޔަރުކޮށް ޖަލުގެ ތޭރިތަކުގެ ފަހަތަށް ލުމާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ގޮށްމުށުގެ ބާރު ދެއްކުމަކީ އެބޭފުޅުން ފެއިލްވި ސަބަބެވެ.
އެންމެ ޕްރޮޖެކްޓެއް ހިންގުމަށް ހިނގާ ހަރަދުގެ ދެގުނު ތިންގުނަ ހަރަދުކޮށްގެން ޕްރޮޖެކްޓު ހިންގާ ހިޔާނާތް ވެފައިވާކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވޭ ލެވެލްއަށް ކަންކަން ދިއުމަކީ ތިބޭފުޅުން ފެއިލްވި ސަބަބެވެ. 1.22 ބިލިއަން ޑޮލަރު ވާނުވާ ނޭންގި ދައުލަތަށް ގެއްލިގެން ދިޔަ ގޮތާއި، އަމިއްލަ ގެޔަށް ހަލާލު ނޫން ފައިސާ ވަތްކަމަށް ވީ އިއުތިރާފަކީ ތިބޭފުޅުން ފެއިލްވި އަސްލެވެ. އަގުބޮޑެތި ގަޑިޔާއި، ލަގްޒަރީ އެޕާޓްމެންޓްތަކާއި، ބައްލަވައިގަތް ކާރުކޮޅު ތަކާއި، މިހިރަމިހިރަ ކުއްވި މުއްސަނދި ކަމަކީ ތިބޭފުޅުން ފެއިލްވި ސަބަބެވެ.
މިހެން ކިޔަންވެއްޖެ ނަމަ 5 އަހަރުގެ ތެރޭގައި ތިބޭފުޅުން ކޮށްފައި ހުރި ކިތަންމެ ކަމެއް ކީދާނެއެވެ. ރައްޔިތުންނަށް އިހުލާސްތެރި ނުވެވުނު ކަމުގެ މިސާލު ދައްކައިދޭ ކަންކަމެވެ. ރައްޔިތުން ތިބޭފުޅުންނަށް ނޫނެކޭ ބުނި ސަބަބު ދައްކުވައިދޭ ކަންކަމެވެ.
ނަތީޖާ ވަރަށްވެސް ސާފެވެ. ވެރިކަމުގައި ތިބެ އާރާއި ބާރު އޮވެ ކުރިމަތިލި، ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ރައްޔިތުން ތިބޭފުޅުން ފެއިލް ވެއްޖެކަމަށް ބުންޏެވެ. އަދި އެވަރުން ނުވެގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ތިބޭފުޅުންނަށް އިތުރު ފުރުސަތު ނެތްކަމަށް ބުނެ ލަދުގަންނަވަރުގެ ނަތީޖާއަކުން ތިބޭފުޅުންނަށް ރިޕޯޓްކާޑު ދިނެވެ.
ޔަޤީން ވަނީ އެންމެ ކަމެކެވެ. ފެއިލްވީ ހަމައެކަނި ސިޔާސީ މަސައްކަތް ކުރުމުގައެއް ނޫނެވެ. ތިބޭފުޅުން ފެއިލްވީ ރައްޔިތުންނަށް އިހުލާސްތެރި ވުމުގައެވެ.