Nafsaanee balithakamedhu mujuthamau dhekey dhekun badhalu kuran jehey
image
"ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ހެލްތު މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

"ނަފްސާނީ ބަލިތަކާމެދު ދެކޭ ގޮތް ބަދަލުކުރަންޖެހޭ"

ނަފްސާނީ ބަލިތަކާމެދު މުޖުތަމައުއިން ދެކޭދެކުން ބަދަލުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ނަފްސާނީ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިއަދު ފެށި "ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ނަފްސާނީ ބަލިތަކާމެދު މުޖުތަމައުއިން ދެކޭދެކުން ބަދަލުކޮށް، އެފަދަ ފަރާތްތަކަށް، އެމީހުންގެ އިހްސާސްތައް ފަސޭހައިން ކިޔައިދެވޭނެ ފަދަ މާހައުލެއް ގާއިމުކުރަންޖެހޭކަމަށެވެ.



އޭގެ އިތުރުން ނަފްސާނީ ބަލި ތަހައްމަލު ކުރާ ފަރާތްތަކުން އެމީހުންގެ އިހުސާސްތަކާގުޅޭގޮތުން ވާހަކަދެއްކުމަކީ ލަދުވެތިވާންޖެހޭކަމެއް ނޫންކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކުގެ ހާލަތު ދުނިޔޭގައި އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވިދާޅުވީ ދުނިޔޭގައި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހެއްކަމަށް ބެލެވޭކަމުގައެވެ. އަދި ރާއްޖޭގައި އެދާއިރާއިން ކުރެވިފައިވާ މަދު ދިރާސާތަކުން ލަފާކުރެވޭގޮތުގައި ރާއްޖޭގައި ވެސް އެ ނިސްބަތް އެހާވަރުގައި ހުރިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޖިސްމާނީ ބަލިތަކާ އަޅާބަލާއިރު ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ ވަސީލަތްތައް މަދުކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ގިނަ ބަލިތަކަކީ ހަމައެކަނި ބޭހެއް ކައިގެން ރަނގަޅުކުރެވޭ ބަލިތައް ކަމުގައި ވީ ނަމަވެސް ހަކުރުބަލި ފަދަ ބަލިތައް ފަދައިން ނަފްސާނީ ބައްޔަކީ ބޭހާއެކު ތެރަޕީވެސް ބޭނުންވާ ބައްޔެއްކަމަށެވެ.

އޭގެ އިތުރުން އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު އެމީހަކު އަދާކުރާ ޒިންމާތަކުން ލުޔެއް ދިނުންފަދަ ކަންކަން ފަހި ކުރަންޖެހޭކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ދުޅަހެޔޮ ކެންޕެއިން" އަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް އެއް އަހަރު ދުވަހަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކެންޕެއިން އެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ހިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.
ހިޔާލު