Rayyithunge ummeedhu thah gulhifavaa Majlis 19 dhaanee kihineh?
image
19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ރޭ ހުވާކުރައްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މަޖިލިސް 19 ދާނީ ކިހިނެތް؟

ސެޕްޓެމްބަރު 23، 2018 ވީ ދުވަހު ދިވެހިން ނިކުމެ ގޮށްމުށުގެ ވެރިކަމެއް ބަދަލުކުރީ އަދުލުއިންސާފު ބޭނުންވާތީ އެވެ. އެއަށްފަހު މިދިޔަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ހޯދައިދިނީވެސް ހަމަ އިންސާފު ބޭނުންވާތީ އެވެ.
އެއަށްވުރެ ބޮޑަށް ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މަޖިލިހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ރައްޔިތުން ހަދިޔާކުރީ ވެސް އަދުލުއިންސާފު ގެނައުމަށް ވައުދުވެ، އެޕާޓީން ވިއްކި "އެޖެންޑާ 19" ގެ ސަބަބުންނެވެ.

އާ މަޖިލިހުގެ މަސައްކަތް ރޭ ފެށުމާއެކު، ދިވެހިންގެ އެތައް ބަޔަކު ކުރި ދިގު އިންތިޒާރަށް ނިމުމެއް އައީ އެވެ. އިދިކޮޅު މެމްބަރުންގެ އުނދަގުލާއި ހެދި މަޑުޖެހިފައިވާ މަޖިލިހުގެ މަސައްކަތްތައް 19 ވަނަ މަޖިލިހުގައި އަވަހަށް ކުރިއަށް ދާނެ ކަމުގެ އުއްމީދު އެތައް ބަޔަކު ކުރެ އެވެ.

"19 ވަނަ ރައްޔިތުންގެ މަޖިލިހަށް އަލަށް ހުވާކުރެއްވި ހުރިހާ މެންބަރުންނަށް މަރުހަބާ. ސުލްހަވެރި އަދި ކުރިއަރަމުންދާ ރާއްޖެއަކަށް އަޅުގަނޑުމެން (މަޖިލިސް އަދި ސަރުކާރު) ދެކޭ ތަސައްވަރަށް ވާސިލްވުމަށް ގާނޫނު ހަދާ ބާރާއެކު އުފެއްދުންތެރި ގުޅުމެއް ބޭއްވުމަށް އަޅުގަނޑު އުއްމީދު ކުރަން،" ރައީސް އިބްރާހިމް މުހައްމަދި ސޯލިހު ރޭ ވިދާޅުވި އެވެ.

"އުސޫލެއް ނެތި ކަންކަން ކުރުމުގެ ނިޒާމަށް އެނބުރި ގޮސްދާނެތީ އަޅުގަނޑުމެން އަބަދުވެސް ތިބެން ޖެހޭނީ ފާރަވެރިވެ. ޖަވާބުދާރީ ކުރުވުމަށް ބާރުތައް ވަކިވެފައިވުމަކީ މުހިއްމު ކަމެއް، އަދި އެވާންވާނީ ހުރިހާ ގޮތަކުން ވަކިވެފައިވާ ބާރުތަކަކަށް،" ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދުގެ ޓްވީޓެއްގައި ވެއެވެ.

"މިއަދު އާ މެމްބަރުން ހުވާކުރާއިރު، ރައްޔިތުން ވޯޓުދިން ސަބަބު ހަނދާން ނުނެތޭނެ ކަމަށް އުއްމީދު ކުރަން. ބޮޑު ބާރާއާއެކު އެއަށްވުރެ ބޮޑު ޒިންމާއެއް އޮވޭ. ރައްޔިތުން ވޯޓު ދިނީ ވައުދުވި ކަންކަން ފުއްދަން. ރައްޔިތުންނަށް ވަފާތެރިވެ، އަމިއްލަ އެދުމުގެ ކުރިއަށް ރައްޔިތުންގެ ބޭނުންތައް ލާނެ ކަމަށް އުއްމީދު ކުރަން. މިހާރު މިއީ ދެއްކި ވާހަކަ އަމަލުން ދައްކަންވީ ވަގުތު،" ފާތިމަތު ރެނީ ނަމަކަށް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ވެއެވެ.

އެމްޑީޕީން މަޖިލިހަށް ނިކުންނަނީ މައިގަނޑި ފަސް ކަމެއް ކުރުމަށެވެ. އެޖެންޑާ 19 ގައިވާ އެ ފަސް ކަމަކީ ރިޔާސީ މެނިފެސްޓޯގައި ވެސް އެންމެ އަސާސީ ކަންކަމުގެ ގޮތުގައިވާ ކަންކަމެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ.

އިންސާފު

އަދުލުއިންސާފުގެ ވައުދުގެ ދަށުން އެމްޑީޕީން ބޭނުންވަނީ 2012 އިން ފެށިގެން 2018 ގެ ނިޔަލަށް ހިނގާފައިވާ ލާއިންސާނީ ހުރިހާ ކަމެއް ބަލައި ފިޔަވަޅު އެޅުމަށެވެ. އެކަން ކުރާނެ ގާނޫނީ އޮނިގަނޑެއް 19 ވަނަ މަޖިލިހުން އެކުލަވާލަން ވަނީ ވައުދުވެފަ އެވެ.

އޭގެ އިތުރުން ޝަރުއީ ދާއިރާގެ އޮނިގަނޑު އިސްލާހުކޮށް، މިހާރު ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ވަކި އިދާރާއެއްގެ ގޮތުގައި ހިންގަން ފެށުމާއި، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ހުޅުވާލުމާއި، ހައި ކޯޓުގެ ދެ ގޮފި އުވާލުމާއި، ޕަބްލިކް ޑިފެންޑާޒް އޮފީހެއް ގާއިމް ކުރާނެ އެވެ.

އޯގާތެރި ސަރުކާރު

މި ވައުދުގެ ދަށުން އެންމެ ފާހަގަކުރެވޭ ކަމަކީ މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހަކުން އެކި މަސައްކަތްތަކަށް އެކި ވަރުގެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެކި ދާއިރާތަކަށް ކަނޑައަޅާ މިންވަރަކީ؛

ދަތުރުފަތުރު (ދުވާލަކަށް 266.27 ރުފިޔާ)

މަސްވެރިކަމާއި ދަނޑުވެރިކަން (ދުވާލަކަށް 266.67 ރުފިޔާ)

އިމާރާތް ކުރުމުގެ ދާއިރާ (ދުވާލަކަށް 200 ރުފިޔާ)

ރިސޯޓް ހިންގުމުގެ ސިނާއަތު (ދުވާލަކަށް 333.33 ރުފިޔާ)

ޓޫރިޒަމްގެ އެހެން ދާއިރާތައް (ދުވާލަކަށް 200 ރުފިޔާ)

ސިއްހީ ޚިދުމަތް ދިނުން (ދުވާލަކަށް 266.67 ރުފިޔާ)

ތައުލީމީ ދާއިރާ (ދުވާލަކަށް 266.67 ރުފިޔާ)

އެހެނިހެން ދާއިރާތައް (ދުވާލަކަށް 200 ރުފިޔާ)

ފަހުރުވެރި އާއިލާ

އޭގެ އިތުރުން ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އެހީވުމަށް ޖޮބް ސެންޓަރެއް ގާއިމްކޮށް، އިނާޔަތެއް ތައާރަފް ކުރާނެ އެވެ. އިނާޔަތުގެ އަދަދަކީ 1500 ރުފިޔާ އާއި 2500 ރުފިޔާ އާ ދެމެދުގެ އަދަދެކެވެ. އޭގެ އިތުރުން ބިދޭސީން ގެންނަން ހުއްދަ ދޭނީ އެ ވަޒީފާއަކަށް ދިވެހިން ނުލިބޭ ނަމަ އެވެ.

ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު، އެކަމަށް ހާއްސަ މަސައްކަތްތަކެއް ވެސް 19 ވަނަ މަޖިލިހުން ކުރާނެ އެވެ. އެގޮތުން ފްލެޓާއި ގޯތި ދެނީ ރަނގަޅަށްތޯ ބެލުމަށް ދެފުށް ފެންނަ ނިޒާމެއް ގާއިމް ކުރުމަކީ އެންމެ ބޮޑު މަސައްކަތެވެ.

ޖަޒީރާ ދިރިއުޅުން

ރާއްޖޭގައި އެންމެ ކުޑަމިނުން ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ކަނޑައަޅަން މަޖިލިހަށް ބިލެއް ހުށަހަޅާ، ލާމަރުކަޒު ކުރުމަށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމާއި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައަށް ކައުންސިލްތަކަށް ދޭން ހުށަހަޅާނެ އެވެ.

ނޫ އިގްތިސާދު

އިގްތިސާދަށް ގެންނަ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަވަނީ އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ތައާރަފް ކުރުމެވެ. އޭގެ އިތުރުން ފެނާއި ކަރަންޓުގެ އަގު ހެޔޮ ކުރުމާއި، ދަތުރުފަތުރުގެ ވިއުގަކުން ރާއްޖެ ގުޅާލުމާއި، ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރި ފުޅާކުރަން ވެސް މަޖިލިހުގެ ތެރެއިން މަސައްކަތް ކުރާނެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް ސޯލިހު ވިދާޅުވީ އެޖެންޑާ 19 އަކީ ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު ތައްޔާރު ކަމަށެވެ. ރައްޔިތުން މިވަނީ އެ ފުރުސަތު ވެރިކަން ކުރާ ޕާޓީއަށް ދީފަ އެވެ. ދެން އޮތީ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުން ވީ ވައުދުތަކާއި، ރޭ ކުރި ހުވަޔާއެކު ކުރާ މަސައްކަތު ނަތީޖާ ވަޒަން ކުރުމެވެ.
ހިޔާލު