Gaumiyyathu ge Magsadhakee koba?
image
މިނިވަންދުވަހުގެ މުނާސަބަތުގައި ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ކުޅިވަރާއި ހެވިކަމުގެ ހަރަކާތްތަކުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ގައުމިއްޔަތުގެ މަގްސަދަކީ ކޮބާ؟

ދިވެހިރާއްޖޭގެ ބަސްފޮތުގައި ޤައުމިއްޔަތުގެ މާނައެއް ކަމަށް ބުނެފައި ވަނީ ޤައުމީވަންތަ ކަމެވެ. ޤައުމިއްޔަތާއި އެންމެ ގާތް އިނގެރޭސި ބަހަކަށް ފެނުނީީ "ނޭޝަނަލިޒްމް" މިބަހެވެ. މެރިއަމް ވެބްސްޓާ ބަސްފޮތުގައި ނޭޝަނަލިޒަމްގެ މާނަ ދޭހަކޮށްދީފައި ވަނީ، ޤައުމަށްވާ ވަފާތެރިކަމާއި ދޭ އަހައްމިއްޔަތުކަމުގެ ގޮތަށެވެ. އެހެންކަމުން ޤައުމިއްޔަތަކީ، އެ ޤައުމެއްގެ ތާރީޚާއި ސަގާފަތާއި، ޤައުމަށް ލިބޭ ކުރިއެރުންތަކުގެ އިތުރުން، ޤައުމު ޤައުމަކަށްވާ ސަބަބުތައް ޤައުމީ ފެންވަރުގައި ރައްޔިތުންގެ މެދުގައި ފާހަގަކުރުމޭ ބުނުން އެއީ ކުށެއް ކަމަކަށް ނުފެނެ އެވެ.
އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަން މިދުވަސްވަރު މިދަނީ ޤައުމިއްޔަތުގެ ކުލަވަރު ވަރަށް އަލިގަދަކޮށް ދާދި ކައިރިން ދެކެމުންނެވެ. މަގުތަކުން ފެންނަނީ ޤައުމީ ދިދަ އެވެ. އަޑު އިވެނީ އެޤައުމެއްގެ ރައްޔިތަކަށް ވީތީ ފަޚުރުވެރިވާ ދިވެހި ބިމުގެ ފުރިހަމަކަން ސިފަކޮށްދޭ ޅެން ތަކެވެ. މިނިވަން ދުވަހާއި ޤައުމަށް ރީތި ނަން ހޯދައިދިން ދިވެހި ދަރިންތަކެއްގެ ސަބަބުން ދިވެހި ލޭ ދައުރުކުރާ ހިތްތައް ގުޅިގެން ދިޔައީ ފަހުގެ ތާރީޚެއްގައި ޤައުމު ނުދެކޭ ފަދަ ގޮތަކަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މަގުތަކުގެ އެއްކޮޅުން އަނެއްކޮޅަށް ހިނިތިންވުމުގެ ދޫލަ އަޅާލި އިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ކުޅުންތެރިން ހޯދި ކާމިޔާބުގެ ސަބަބުން ސޯޝަލް މީޑިއާގައި ދިޔައީ ތަރުޙީބުގެ އަތްތިލަ ބަޑި އޮހިގެންނެވެ.

ކޮންމެއަކަސް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކޮށް، ޤައުމީ ލޯބި އާލާކުރުމަށް ޤައުމިއްޔަތުގެ މުހިއްމު ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް ދުނިޔެވީ ކޮންމެ ޢަމަލެއްގައި ވެސް ފައިދާ އާއި ގެއްލުންވާ ފަދައިން، ޤައުމިއްޔަތަކީ ވެސް ވަކި ބައެއްގެ މަންފާއަށް ބޭނުން ކުރެވިދާނެ އެއްޗެއްކަން ކަށަވަރެވެ. ތާރީޚުގެ ތެރެއަށް ކަޅިއެއް އެއްލާލުމުން ވެސް މިފަދަ މަންޒަރު ފެންނަލެއް މަދެއް ނޫނެވެ.

ޤައުމިއްޔަތުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ޤައުމުތަކަށް ކޮށްފައި ވަނީ މީލާދީން 1939 އިން 1945 އަށް ކުރިއަށް ދިޔަ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. ދެވަނަ ހަނގުރާމައިގެ މޭސްތިރި އެޑޮލްފް ހިޓްލާ، ޖާމަނީގެ ރައްޔިތުނާއި އަސްކަރީ ސިފައިން މުޅި ދުނިޔެ އާއި ދެކޮޅުވެރި ކުރުވީ ޖާމަނީގެ ޤައުމިއްޔަތުގެ ނާޖާއީޒް ފައިދާއިންނެވެ. އެދުވަސްވަރު ޖަޕާނުގައި އުފެދުނު ޤައުމިއްޔަތުގެ ސަބަބުން، އެޤައުމުގެ ޢަމަލުތައް ހުރީ އޭޝިއާގެ އެހެން ޤައުމުތަކުގެ ރައްޔިތުންނަކީ ޖަނަވާރުންނަށް ވުރެވެސް ދަށް ބައެއްގެ ގޮތަށެވެ.

ޚުދު މި ދިވެހި ފަސްގަނޑުގެ ރައްޔިތުން ވެސް ވަނީ ޤައުމިއްޔަތުގެ ނާޖައިޒް ފައިދާގެ ޝިކާރައަކަށްވެފަ އެވެ. ރާއްޖޭގެ ޤައުމިއްޔަތުގެ ނާޖައިޒް ފައިދާ ނެގި މީހުން ޤައުމުގެ ސަޤާފަތާއި ތާރީޚު ބޭނުން ކޮށްފައި ވަނީ އެބައިމީހުންގެ ހަޑިމުޑުދާރު އަމަލުތަކެއް ފޮރުވުމަށް ދަމާލި ފަރުދާއެއްގެ ގޮތުގަ އެވެ. އެހެންކަމުން އެފަދަ މަޙައްލުތަކުގައި ފަރުދާގެ ފުރަގަހުގައި މަންޒަރެއްވާކަން ވެސް ގިނަ ފަހަރަށް ފަހުމެއް ނުވެ އެވެ.

އަމިއްލަ އެދުމުގެ އޮށުގައި ޤައުމިއްޔަތުގެ ތޮށިލައިގެން އުޅުނު މަންޒަރުތައް ރާއްޖޭގެ ސިޔާސީ މައިދާނުގެ ކުރު ތާރީޚުގެ ތެރެއިން ވެސް ފެންނަން އެބަ ހުއްޓެވެ. ދިވެހިރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ބޭފުޅެއް، ވެރިކަމަށް ދަހިވެތިވެ އޭރުގެ ރައީސް މަޤާމުން ވަކި ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

އެގޮތުން ރައްޔިތުންގެ މެދުގައި ރައީސުލްޖުމްހޫރިއްޔާއާ މެދު އިތުރަށް ނަފްރަތު އުފެއްދުމަށް، ރައީސް ކުރައްވަމުން ދިޔަ ލާއިންސާނީ އަމަލުތަކާއި ބެހޭ ގޮތުން ޅެމާއި ލަވަ ހަދާ މީހުން ލައްވާ ކިޔުއްވި އެވެ. ޤައުމުގައި މި ލަވަތައް ޢާއްމުވެ ނަފްރަތުގެ ހުޅު ވާރެއިން ވެސް ނިއްވާ ނުލެވޭ ވަރަށް ރޯވުމުން، ރައީސް ވެރިކަމުން ބޭލުވުން އެއީ ދިވެހި ޤައުމާއި ވަޠަނަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށްވި އެވެ.

ނަތީޖާއަކަށްވީ ރައީސް ވެރިކަމުން ދުރުކުރެވި، ޝާއިރުގެ ބަނޑުގެ ހައިހޫނުކަން ފިލުމެވެ. އާ ރައީސްގެ ދިގު 30 އަހަރުގެ ވެރިކަމުގައި، ޤައުމިއްޔަތުގެ ނާޖާއީޒް ފައިދާ ނަމުގައި ތިން ހަތަރު ފޮތް ލިޔެވޭ ވަރަށް ވަނީ ދިވެހިންގެ ސަގާފަތާއި ތާރީޚުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފަ އެވެ. ދިވެހި ރައްޔިތުންނަށް ލިބިދޭން ޖެހޭ އެތައް ހައްޤުތަކުން މަހުރޫމްކޮށްލި އިރު ޤައުމީ ޓީވީ އާއި ރޭޑިއޯ އިން އިވެމުން ދިޔައީ ރާއްޖޭގެ ރީތިކަމާއި އަމާންކަމުގެ ޅެމާއި ލަވަތަކެވެ. އެތައް ދިވެހި ދަރިއަކަށް ނުހައްގުން އަނިޔާ ދެމުން ދިޔަ އިރު ލޭ މަނާކޮށް ފާރުތައް ފޮރުވުމަށް ދިވެހި ދިދަ ބޭނުން ކުރުމަކީ ޤައުމިއްޔަތަށްވީ ބޮޑު ހިޔާނާތެކެވެ.

ކޮންމެއަކަސް ކޮންމއ ފެށުމަކަށް ނިމުމެއް އަންނަހެން 30 އަހަރު ފަހުން ވެރިކަމެއް ނިމި އާ ވެރިކަމަށް ފެށުނެވެ. އަޖައިބުވާން ޖެހޭ ކަމަކީ އާ ރައީސް ވެސް ވެރިކަމަށް އެރީ އެންމެ ފަހުން ވެރިކަމުގައި ހުރި ބޭފުޅާ ވެސް ވެރިކަމަށް އަރަން ބޭނުންކުރި އުކުޅުގެ ބޭނުން ވަރަށް ރަނގަޅަށް ކޮށްގެން ކަމެވެ. ރުހުން ހޯދީ އެއީ ޤައުމަށްޓަކައި ކުރާ ޖިހާދެއް ކަމަށް ރައްޔިތުންނަށް ވިސްނައިދީގެންނެވެ. ވެރިކަމަށް ކުރިމަތިލާ ރިޔާސީ ކެމްޕޭންގައި ވެސް ބޭނުން ކުރަމުން ދިޔައީ ރާއްޖޭގެ ނަމެވެ.

ދެ އަހަރު ވެރިކަން ކުރެއްވުމަށް ފަހު ވެރިކަން އަތުން ބީވެގެން ދިޔައީ ޤައުމިއްޔަތަށް އިސްކަން ނުދޭ ކަމަށް ކުރެވުނު ތުހުމަތުތަކުގެ ސަބަބުންނެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހިނގި ހާދިސާ އަކީ ވެސް، ޤައުމާއި ދީނުގެ ނަމުގައި ބަޔަކު ރާވައިގެން ހިންގި ޖަރީމާ އެކެވެ. ހިތާމައަކީ މިފަދަ ކޮންމެ ކަމެއްގެ އެންމެ އިސް ސަފުގައި ދިވެހި ރައްޔިތުން ބޭތިއްބުމަށް ފަހު، އިސް ވެރިން ވަގު ވަގަށް ސަފުގެ އެންމެ ފަހަތުގައި ހުންނަ ކަމެވެ.

ވީމާ މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ޤައުމީ އެއްބައިވަންތަ ކަމާއި ޤައުމީ ޖޯޝުގެ ފަހަތުގައިވާ މީހުންގެ މަޤުސަދާއި މެދު ސުވާލު ނުއުފުދޭނެ ހެއްޔެވެ؟ އުފެދޭނެ އެވެ. އުފައްދަން ވެސް ޖެހެ އެވެ. ރައްޔިތުންނަށް ހައްލު ނުލިބި ހުރި އެތައް މައްސަލައެއް އޮތްތާ އޮއްވާ، ދައުލަތުގެ ބަޖެޓުން ސަރުކާރު އެދޭހާ ގޮތަކަށް ހަރަދުކުރެވިގެން ނުވާނެ އެވެ.

އެންމެ ފަހުން ރާއްޖޭގެ ވެރިކަންކުރި ފަރާތް ވެރިކަން ނިންމަވާ ލެއްވީ ޤައުމުގެ ހަޒާނާ ފޮށި ދަވާލާފަ ކަމަށް ބުނާ އިރު، އަށް މަސް ދުވަސް ތެރޭގައި ތެރޭގައި ހާރިޖީ ވަޒީރެއްގެ ދަތުރުތަކަށް 100 މިލިއަން ރުފިޔާ ޚަރަދުވުމުން ސުވާލު އުފެދޭނެ އެވެ. އުއްމީދަކީ މިއީ ކޮންމެ ވެސް ފައިދާއެއް ހުރި ކަންކަމަށްވުމެވެ. އަޑީގައި އަމިއްލަ އެދުމެއް ނެތި ރައްޔިތުންނަށްޓަކައި ކޮށްދޭ ކަންކަމުގައި ވުމެވެ. އެހެނަސް މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން، ވެރިންނަށް ފުރިހަމަ އިތުބާރު ކުރުމަކީ ދަތި ކަމެކެވެ. ހާއްސަކޮށް ސިޔާސީ މައިދާނުގެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 85 އިންސައްތަ މީހުންގެ ގެތަކާއި ވިޔަފާރިތައް ކުރިއަރުވަމުން ދާއިރު، ރައްޔިތުންނަށް މަންފާއެއް ނުކުރާތީ އެވެ.

ޤައުމިއްޔަތުގެ ނާޖާއީޒް ފައިދާ ނެގުން ނުހުއްޓުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ދިވެހި ރައްޔިތުން "ބޭނުން" ވެގެން ރާއްޖެއަށް ގެނެސްފައިވާ ކޮންމެ ބަދަލެއްގެ ފަހަތުގައި ވެސް ފެންނަ އަދި ނުފެންނަ ބަޔަކު ތިބޭތީ އެވެ. އެހެނަސް އަނދިރީގައި ކުރާ ކަންތަކުގެ އަލިވެސް ލޮލަށް ފޯރާނެ ދުވަހެއް އަންނާނެ އެވެ. ދިވެހިން ބުނާހެން "މީހަކަށް ކެއްސެއް ދީފައެއް އުފަލަކު ނޫޅެވޭނެ އެވެ."
ހިޔާލު

ކާލި

ބައިތުލް މާލު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާހާވެސް ! ސިޔާސީ މީހުންކުރާހާވެސް ކަމަކީ ކުންފުނިތަށް ހަދައިގެން ދައުލަތުގެ ބޮޑެތި މަޝްރޫޢުތަށް ނަގައިގެން ވިޔަފާރިކޮށް އެމީހުން މުއްސަދިވުން ! ދައުލަތުގެ ނަމުގައި ދަރަނި ނަގައިގެން ރައްޔިތުން ދަރަނިވެރި ކުރުވާ ހާލުގައި ޖެއްސުން ! ރައްޔިތުންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ދަށައްދިއުން ނޫންކަމެއް ނުފެނޭ !

ތިރިބެ

ގައުމިއްޔަތުގެ މާނަ ވައްތަރު ވައްތަރައް ނެށުން