Resort'ge gothugai tharahgee kurumah dhookuraa rahthah iulaan kurany
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު / މިނިސްޓްރީ އޮފް ޓޫރިޒަމް
މިއުނާ ހަސަން
0 ކޮމެންޓް
 

ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނީ

އަމާޒަކީ އޮކްޓޯބަރު މަސްތެރޭގައި ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރާ ރަށްތައް އިއުލާން ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރިސޯޓުގެ ގޮތުގައި ދޫކުރަން ބޭނުންވާ ރަށްތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އަށް އިކޮނޮމިކް ކައުންސިލްގެ ލަފާ ލިބިފައިވާ ކަމަށާއި، އަމާޒަކީ އޮކްޓޫބަރު މަހުގެ ތެރޭ އެ ރަށްތަކުގެ މައުލޫމާތުތައް ހާމަކުރުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކުގެ އެންވަޔަރްމަންޓް އެސެސްމެންޓަކާއި ސޯޝިއޯ އިކޮނޮމިކް އެސެސްމެންޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެސަސްމެންޓްތަށް ހަދާދޭނެ ކޮންސަލްޓަންޓުން ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އިއުލާން ކޮށްފައެވެ. ރަށްތަކުގެ ތަފްސީލު އިއުލާން ކުރައްވާނޭކަމަށް މިނިސްޓަރު ވިދާޅުވީ ވޯލްޑް ޓޫރިޒަމް ދުވަހާ ގުޅިގެން އޮކްޓޯބަރު ހަތަރެއްގައި ބާއްވާ ބޮޑު ހަފްލާގައެވެ.

ކޮންސަލްޓެންޓުންގެ ދިރާސާތައް ނިންމުމަށްފަހު ރަށްތަކުގެ މައުލޫމާތު އާންމު ކުރުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ޓޫރިޒަމް ފުޅާކުރަން ޖެހޭ ސަރަހައްދުތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށާއި، އޭގެތެރޭގައި އުތުރުގެ ރަށްތަށްވެސް ހިމެނޭކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތިމާވެއްޓަށް ގެއްލުން ނުވާނޭފަދަ ގޮތަކަށް ސަސްޓެއިނަބަލް ޓޫރިޒަމެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ހަމައެހެންމެ، މީގެ ކުރިން ކައިރި ރަށްތަކުގެ މީހުންގެ ހިޔާލު ހޯދާފައި ނެތް ނަމަވެސް ރައީސް ސޯލިހް ބޭނުންފުޅުވެލައްވަނީ ރިސޯޓުގެ ގޮތުގައި ރަށްތައް ކަނޑައަޅާ އިރު އެ ކަނޑައަޅާ ރަށަކީ ރައްޔިތުން ބޭނުން ވެގެން އެ ސަރަހައްދެއްގައި އަޅާ ރިސޯޓަކަށް ހަދަންކަމަށް ވިދާޅުވިއެވެ.

ރިސޯޓުގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށްޓަކައި ކައުންސިލްތަކުން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި، އަދި އެފަދަ ޕްލޭނަކާ އެކު ކައުންސިލްތަކުން އައުމުން، ރަށްރަށުން ވެސް ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކުރާ ރަށްތައް އިއުލާން ކުރާނެކަން ހާމަކޮށްފައިވާ މި ދަނޑިވަޅަކީ ކުރީސަރުކާރުގެ ދުވަސްވަރުގައި ހިނގައިދިޔަ އެންމެ ބޮޑު ވައްކަމުގެ އަމަލު ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލަމުންދާ ދަނޑިވަޅެކެވެ.
ހިޔާލު