Sarukaarun kan kuri gothun Hassan Latheef ge faadu kiyun
image
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު--
1 ކޮމެންޓް
 

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެ، މެމްބަރު ހަސަން ލަތީފުގެ ފާޑުކިޔުން

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށް ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ މިދިޔަ މެއި މަސް ތެރޭގައި ސަރުކާރަށް މަރުތައް ބަލާ ކޮމިޝަނުން ތަހުގީގު ރިޕޯޓު ފޮނުވި ކަމަށެވެ. ނަމަވެސް އޭގެ ތިން މަސް ފަހުން ގާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ސަރުކާރަށް ފެނި، މަޖިލިސް ޗުއްޓީގައި ވަނިކޮށް ޖަލްސާ ބާއްވައިގެން ކަން ކުރަމުން ގެންދިއުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"މިއަހަރުގެ މެއި މަހު ސަރުކާރަށް ކޮމިޝަނުން ވަނީ ޑްރާފްޓު ރިޕޯޓެއް ދެއްވާފައި. ސަރުކާރުން ތިން މަސް ފަހުން ކުއްލިއަކަށް މި ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގެން މަޖިލިސް ޗުއްޓީގައި އޮއްވާ ފޮނުވި ކަމީ އެއީ އަޅުގަނޑު ހިތާމަކުރާ ކަމެއް. ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވޭނެ ކަމަކަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ހަސަން ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދުމުން އެކަން ކޮށްދިނުމަށް އެދުނު ފުރަތަމަ މެންބަރަކީ އޭނާ ކަމަށެވެ. ހަސަން ލަތީފު ވަނީ އެގޮތަށް އެދިވަޑައިގަތް ސަބަބު ވެސް ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ މަޖިލިސް ޗުއްޓީގައި އޮވެ، ސަރުކާރުން ފޮނުވާ އިސްލާހަށް މަސައްކަތް ނުކޮށްފި ނަމަ، ރައްޔިތުން މަޖިލިސް މެންބަރުންނަށް އިނގިލި ދިއްކުރާނެތީ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނެސްގެން ރިލްވާންގެ މައްސަލައަށް މަގުފަހި ވާނެ ގޮތް ވެސް ސަރުކާރުން ކިޔައިދޭން އެބަޖެހޭ ކަމަށެވެ.

"ސަރުކާރުން އެބަޖެހޭ ކިޔާދޭން ގާނޫނުތަކަށް އިސްލާހު ގެންނަނީ ކީއްވެގެން ކަން. ރިލްވާން އަބްދުﷲ ގެ ތަހުގީގަށް މަގުފަހިވަނީ ކީއްވެގެންކަން ސަރުކާރުން އެބަ ޖެހޭ ކިޔާދޭން. އަދިއެއް އަޅުގަޑުމެންނަކަށް ނޭނގެ. މީގައި ވަރަށް ސުވާލު އުފެދޭ ކަންކަން އެބަހުރި، ސަރުކާރުން އެބަ ޖެހޭ މިކަން ކުރިއަށް ދާއިރު ކިޔާދޭން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މިއަށްވުރެ ރަނގަޅަށް ކަންކަން އިންތިޒާމު ކުރަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގައި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި ވަކި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލެއް ފާޅުކުރި މީހަކީ ވެސް ކުށެއް ކުރި މީހެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ. ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ބިލްގައި ވެއެވެ. މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ބިލްގައި ލާޒިމް ކުރެ އެވެ.
މަޖިލިސް ސަރުކާރު
ހިޔާލު

ސިކުނޑި

ހަސަންމެނަށް ތަންދޮރު ނޭނގެނީތަ ނޫނީ ހަމަ ސަރުކާރަށް ފާޑުކިޔާ ހިތް ވަނީތަ؟ ސަރުކާރު ކަންކަންކުރާ ސަބަބު އަންގާކަށް ނުޖެހޭނެ. ބިލުތައް ދިނީމަ ފެންނަ ގޮތަކަށް ކަން ކުރަންވީ. ޖަވާބުދާރީ ވާންޖެހޭ ގޮތްތައް އެއޮތީ ކަނޑައެޅިފައި. މަޖިލީހުން ސަރުކާރަށް ނުފޫޒެއް ނުފޯރުވޭނެ.