Bodethi demand thakaa eku moosumaa behey halhuthaalu Majlis kurimatheega!
image
މޫސުމާ ބެހޭ ހަޅުތާލުގެ ތެރެއިން-- ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ބޮޑެތި ޑިމާންޑުތަކާއެކު މޫސުމާ ބެހޭ ހަޅުތާލު މަޖިލިސް ކުރިމަތީގައި!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ގެ ނަމުގައި ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ބާއްވަމުން އަންނަ ހަޅުތާލު މިއަދު ރާއްޖޭގައި ވެސް ފަށައިފި އެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ބޮޑެތި ގޮވާލުންތަކަކާއެކު ފެށި އެ ހަޅުތާލު ފެށީ ރައްޔިތުންގެ މަޖިލިސް ކުރިމަތިން މިއަދު ހެނދުނު 9:45 ގައެވެ. ހަޅުތާލު ކުރިއަށް ދިޔައިރު ބައެއް މަޖިލިސް މެމްބަރުން ވެސް ހަޅުތާލުގެ ބައިވެރިންނާ ބައިވެރިވަޑައިގަތެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ.


- ހަޅުތާލުގެ ބައިވެރިންނާއެކު މެމްބަރު ހަސަން (ހަސަންޓޭ)

ޕޯސްޓަރުތަކާއެކު އެ ސަރަހައްދުގައި ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތައް ތިބިއިރު އެ ހަރަކާތުގެ ފަރާތުން އަހުމަދު އަފްރާހް އިސްމާއިލް ސީއެންއެމްއަށް ވިދާޅުވީ އެ ހަޅުތާލު މަޖިލިސް ކުރިމަތީގައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަޖިލީހުގެ ތެރެއިން ގާނޫނާއި ގަވައިދުތައް ހަދައިގެން ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމަށް ވީހާވެސް އަވަހަށް މަސައްކަތްތައް ފެށުމަށް ބާރު އެޅުން ކަމަށެވެ.

އެ ހަޅުތާލުގައި ތިމާވެއްޓަށް ގެއްލުންވަމުން އަންނަ ގޮތަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

"މިސާލަކަށް މަހާޖައްރާފު ކަހަލަ ފަޅު ހިއްކަން ބޭނުންކުރާ ޑްރެޖާ ކަހަލަ އެއްޗެހި އެހެލަން. ދެން ގޮސް ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގަސްތަކާ އެއްޗެހި އުފުރާލައިގެން ވަގަށް ނަގައިގެން އެބަ ގެންދޭ. އެ ކަންތައްތައް ވެސް ހުއްޓާލަން ގޮވާލާ. އަދި އޭގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭން ކުރަން ގޮވާލާ ތިމާވެއްޓާ ރައްޓެހި އަލްޓަނޭޓިވްސްއަށް ބަދަލުކުރަން ވެސް ގޮވާލަން،" އަފްރާހް ވިދާޅުވި އެވެ.

ސަރުކާރުން އަންނަނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ރަށްތަކާއި ފަޅުތައް ހިއްކަމުން ކަމަށާއި އެކަން ހުއްޓާލުމަށް ވެސް ހަޅުތާލުގެ ބައިވެރިން ގޮވާލަ އެވެ. އޭގެ އިތުރުން ތެޔޮ އެންދުން ހުއްޓާލާ ތިމާވެއްޓާ އެންމެ ރައްޓެހި ގޮތަށް ސޯލާ ޕެނަލް ހަރުކުރުމަށް ވެސް ގޮވާލަ އެވެ.

އޭގެ އިތުރުން ތިމާވެށީގެ ޗެމްޕިއަނެއްގެ މަގާމު ދީފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2009 ވަނަ އަހަރު ބުނެފައިވާ ބަސްކޮޅެއް ވެސް މިއަދުގެ ހަޅުތާލުގެ ބައިވެރިން ބޭނުން ކުރި އެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކާ ހުރެ ދުނިޔެ ހަލާކުވެ ދާއިރު ވެސް ކޮންފަރެންސްތަކުގައި އަވަދިނެތި އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި ބަސްކޮޅެއް ވެސް ކްލައިމެޓް ހަޅުތާލުގެ ބައިވެރިން ބޭނުން ކުރެއްވި އެވެ.


- މޫސުމާ ބެހޭ ހަޅުތާލުގެ ތެރެއިން

މޫސުމާ ބެހޭ ހަޅުތާލާ ގުޅިގެން އަފްރާހް އިތުރަށް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހު ވެލާނާގޭ ކުރިމަތީގައި މަސައްކަތްތެރިންނާއެކު ހަޅުތާލު ކުރާނެ ކަމަށެވެ. އެގޮތުން ހެނދުނު 7:45 ގައި ހަޅުތާލު ފަށާއިރު ސްކޫލުތަކުގެ ދަރިވަރުން ވެސް ސްކޫލަށް ނުގޮސް ނަމަވެސް އެކުދިންގެ ސްކޫލު ކުރިމަތީ ނުވަތަ ވެލާނާގޭ ކުރިމައްޗަށް އައިސް ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ހަޅުތާލު ކުރުމަށް ހިތްވަރު ދެއްވާ ކަމަށް އަފްރާހް ވިދާޅުވި އެވެ.

"ތިމާވެއްޓަށް މިލިބޭ ގެއްލުންތަކަށް މިއަދު އަޑު ނުއުފުލައިފި ކަމަށްވަންޏާ މިކަމެއް ނެތް ވާކަށް. އަޅުގަނޑުމެންނަކަށް ނެތް ވަގުތެއް ތިމާވެށީގެ ކާރިސާތަކުން ސަލާމަތްވާކަށް. އެހެންވީމަ އަސްލު މި ސްޓްރައިކް ކުރިއަށް ގެންދަނީ،" އަފްރާހް ވިދާޅުވި އެވެ.

ގްލޯބަލް ކްލައިމެޓް ސްޓްރައިކަކީ އިއްޔެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުޑަކުދިންނާއި ސްކޫލު ކުދިން އިސް ނަގައިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ބާއްވާ ހަރަކާތެކެވެ. އެގޮތުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާއި ކަރަންޓު އުފެއްދުމަށް ތެޔޮ އެންދުން ފަދަ ތިމާވެއްޓަށް ގެއްލުން ދެނިވި ކަންކަން ކުރުން ހުއްޓާލުމަށް އެ ކެމްޕެއިނުގައި ގޮވާލާނެ އެވެ.
ހިޔާލު