Kureege sarukaaruthakun raajje tharahgee kuran masahkathkuree plan eh nethi
image
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް--
0 ކޮމެންޓް
 

"ކުރީގެ ސަރުކާރުތަކުން ރާއްޖެ ތަރައްގީ ކުރަން މަސައްކަތް ކުރީ ޕްލޭނެއް ނެތި"

މައި ރަށްތައް ތަރައްގީ ކުރާނީ އެހެން ރަށްތަކާ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ކަމަށާއި މިވީތަނަށް ސަރުކާރުތަކުން ރާއްޖެ ތަރައްގީ ކުރަން މަސައްކަތް ކުރީ ޕްލޭނެއް ނެތިކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރިކައިގެ ކޮމެޓީގައި ހޯރަފުށީ ދާއިރާގެ އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް މިނިސްޓަރު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރަމުން އަންނަތާ މިހާރު ޒަމާންތަކެއް ވެފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން އެގޮތަށް ތަރައްގީ ކުރުމަށް ޕްލޭނެއް ކަރުދާހުގައި ނެތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް ގެންގުޅޭ ޕްލޭން މި ސަރުކާރުން ވަނީ ޕްލޭންކޮށްފަ އެވެ.

އަދި ވިދާޅުވީ ޕްލޭން އެކުލަވާލުމުގައި އެންމެ ބޮޑަށް ބަލަމުންދިޔައީ މިއަދުގެ ހަގީގީ ހާލަތަށް ކަމަށެވެ. އެގޮތުން ކޮންމެ ރަށަކީ ވެސް ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށްތަކެއް ކަމަށާއި އެއް ރަށް އަނެއް ރަށަށް ބަރޯސާވެފައި އޮންނަން ޖެހޭ ހާލަތުތައް ވެސް މެދުވެފައިވާ ރަށްރަށް ވެސް ކުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެއާއެކު ރާއްޖެގަ އޮތް އެންމެ ބޮޑު މައްސަލަތަކަކީ ކޮބާތޯ. އަތޮޅުތައް ތަރައްގީވެގެން ދިޔުމުގަ މިހާރު ކޮބާތޯ އަޅުގަނޑުމެންނަށް ހުރި އެންމެ ބޮޑު ހުރަހަކީ. ކީއްވެގެންތޯ މާލެއަށް މިހާ ބޮޑަށް މިދިޔަ ތިރީހަކަށް ސާޅީހަކަށް އަހަރުގެ ތެރޭގަ ޖަމާވާން ޖެހުނީ.. އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ މިގޮތަށް މިއޮތީ ރަށްރަށުގެ އެކަހެރި ކަމުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްގީ ކުރަން ނިންމީ އެ ސަބަބުތަކާ ހުރެ ކަމަށެވެ.

"އެއް ރަށް އަނެއް ރަށް ގުޅުވާލަން އެބަޖެހޭ. ދެން މިއިން އެއް ރަށްރަށް އަނެއް ރަށުގަ ވާޖަހާފަ ކައިރިއަކު ނުއެއް ބޭނދޭނެ. އަޅުގަނޑުމެންގެ ވިސްނުން ހުންނަނީ ރަށް ބޮޑުކޮށްފަ އެހެން ރަށްރަށުގެ މީހުން އެރަށަށް ގެނައުން. އެއީ މިހާތަނަށް ދިވެހިރާއްޖޭގަ އެހާ ކާމިޔާބު ކަމާއެކު ހިންގިފަ އޮތް ކަމެއް ނޫން،"

މާލެ ސަރަހައްދު ލައިގެން ރާއްޖެ ބަހާލަފައިވަނީ މައިގަނޑު 15 ސަރަހައްދަކަށެވެ. އަދި ކްލާސްޓާ ތަކެއްގެ ގޮތުގައި ވެސް ބައެއް ސަރަހައްދުތައް ވަނީ ބަހާލާފައެވެ.

"އެކަހެރިވާ ރަށެއްގެ ގޮތުގަ މިހެން ބަހާލީމަ އަންނަނީ މަކުނުދޫ އެކަނި. އެހެންވެ މަކުނުދޫ ހާއްސަ ގޮތެއްގަ އަޅުގަނޑުމެން ބަލަން ޖެހޭ ރަށެއް. އެއްވެސް ރަށެއް ބާކީ ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން،"

އެއާއެކު އެ ސަރަހައްދުތަކުގައި ހޮސްޕިޓަލުތައް ހުންނަން ޖެހޭ މިންވަރާއި ސްކޫލުތައް ވެސް ހުންނަން ޖެހޭ މިންވަރާއި ފަސް ސަރަހައްދެއްގައި ކޮމާޝަލް ޑޮމަސްޓިކް ޕޯޓް ހުންނަން ޖެހޭ ތަންތަން ވެސް އެނގިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އެއާޕޯޓްތައް ތަރައްގީ ކުރާނީ ކޮންމެ ރަށަކުން ވެސް ތިރީސް މިނެޓުން ދެވޭހާ ހިސާބުތަކުގަ އެވެ.

"މިހާރު ހުރި އެއާޕޯޓްތަކާއި މިހާރު ހަދަމުންދާ އެއާޕޯޓުތަކުގެ އިތުރުން ފަހެއް ނޫނީ ހަ އެއާޕޯޓް އިތުރަށް ހަދަން ޕްލޭންކޮޑްފަ،" އެއާއެކު އެއާ ޓްރާންސްޕޯޓްގެ ހިދުމަތް ފުރިހަމަ ވާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއް ރަށް އަނެއް ރަށް ގުޅުވާލުމަށް ރާއްޖެއަށް އެންމެ މުހިއްމީ ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޯޓުގެ ހިދުމަތް ނުލިބޭނަމަ ކިތަންމެ ވަރަށްކަށް މަސައްކަތް ކުރިޔަސް ޑިސެންޓްރަލައިޒް ނުވާނެ ކަމަށެވެ.

އެ ހިދުމަތަކީ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއްގެ ދަށުންކަމަށާއި އެއީ ސަރުކާރުން ހަރަދުކޮށްގެން ސަރުކާރުން ހިންގާނެ ހިދުމަތެއްކަމަށް ވެސް ވިދާޅުވި އެވެ. ސަބްސިޑީ ދީގެންވެސް ރާއްޖެ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އަގުހެޔޮ ރަނގަޅު ފެންވަރެއްގެ ދަތުރުފަތުރުކުރުމުގެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިއަންނަ އަހަރުގެ ތެރޭގަ ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑް ކޮށްދިނުމުގެ މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކުރަމުންމިދަނީ،"
ހިޔާލު