REPORT: Mass veringe dhuvas faahaga kuraa iru masverin maayoos vefa!
image
މަސްވެރިންތަކެއް މަސް ބާނަނީ-- ފޮޓޯ: ދިމަސްވެރިން/ ޓްވިޓާ
ފާތުމަތު ރިފާޢަތު
0 ކޮމެންޓް
 

މަސްވެރިންގެ ދުވަސް ފާހަގަ ކުރާއިރު މަސްވެރިން މާޔޫސްވެފައި!

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރެވެ. އެކަމަކު ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސިނާއަތަށް މިހާރަކު މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދެވެ އެވެ. އެ ސަބަބާ ހުރެ މަސްވެރިން އަބަދުވެސް އުޅެން ޖެހެނީ އެތައް ގިނަ ތަކުލީފުތަކެއް އުފުލަމުންނެވެ. ޑިސެމްބަރު 10 ގައި ފާހަގަކުރާ ގައުމީ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މިހާރު ކުރިއަށް ދާއިރު، މަސްވެރިން ބުނަނީ އެ ދުވަސް ފާހަގަކުރަން ބޭނުން ނުވާ ވަރަށް މިހާރު ހިތްދަތިވެފައިވާ ކަމަށެވެ.
ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ މަސްވެރިއެއް ކަމަށްވާ އަހުމަދު ޒައިން ބުނީ އޭނާއަކީ ގެލެކްސީ މިޝަން ކިޔާ މަސްދޯންޏެއްގެ ކެޔޮޅު ކަމަށާއި މަސްވެރިންނާއި ދޭތެރޭ އަމަލު ކުރަމުންދާ ގޮތާއި ދޭތެރޭ ވަރަށް ބޮޑަށް މާޔޫސްވެ މުޅިން އުންމީދު ގެއްލިފައިވާ ކަމަށެވެ.

"ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރޭ. ކޫއްޑޫ ފަދަ ފެކްޓްރީތަކުގެ ކެޕޭސިޓީ އަދިވެސް ހުރީ ހަމަ ކުރިއެކޭ އެއްގޮތަށް، ތަނުގެ ޖާގަ އިތުރެއް ނުކޮށްދޭ،" ޒައިން ބުންޏެވެ.

މަސް ކިރުމަށް ފަހު މަހަށް ފައިސާ ނުލިބޭ ކަމަށާއި އައިސް ލިބުމުގައި ވަރަށް ބޮޑަށް ދަތި ކަމަށް ވެސް ބުންޏެވެ. އަދި މަސް ކިރާނެ ބޯޓު ފަހަރުތައް ބަނދަރަށް ނުފޮނުވުން ފަދަ ހިތްދަތި އެތައް ޝަކުވާއެއް އެބަ ހުރި ކަމަށް އޭނާ ފާހަގަކުރި އެވެ.

ގެލެކްސީ މިޝަން ދޯނީގައި މަސައްކަތް ކުރާ އިތުރު ކެޔޮޅަކު ނަން ހާމަ ނުކުރަން އެދި ބުނީ ބޭންކުން ލޯނު ނެގުމުގައި މަސްވެރިންނަށް ދަތިވާ ކަމަށާއި، މަސްވެރިޔާ ކާޑު ބައެއް މަސްވެރިންނަށް މީގެ ދެ ދުވަސް ކުރިން ދީފައި ވިޔަސް އަދިވެސް ގިނަ މަސްވެރިންނަށް އެ ކާޑު ނުލިބޭ ކަމަށެވެ.

"ކުރީ ސަރުކާރެކޭ އަދުގެ ސަރުކާރެކޭ މަސްވެރިންނަށް ކަންތައް ކުރުމުގައި ހަމަ ނެތް ތަފާތެއް. މާލެއިން އޮޑީގައި އަޅަން ގަންނަ އިންޖީނުން ދެ މިލިއަނުން ތިން މިލިއަނުން ފައިސާ ނަގަނީ ކީއްވެގެން ކަމެއް ވެސް ނޭނގޭ. އެކަމަކު އެއިން ނަގާ ޖީއެސްޓީ ކަނޑާލާ ވާހަކައެއް ވެސް ސަރުކާރުން ދެއްކި،" އޭނާ ބުންޏެވެ.

"ފައިސާ ޖަމާނުކޮށް މަސްވެރިން ކައިރީ ފައިސާ ޖަމާކޮށްފީމޭ ބުނީމަ، މަސްވެރިންނާއި އޮޑިވެރިންނާއި ދޭތެރޭ މައްސަލަ ޖެހޭ. މީ ވަރަށް ދެރަ ކަމެއް،" މެދު ރާއްޖެ ތެރޭގެ ރަށަކަށް ނިސްބަތްވާ މަސްވެރިއަކު ބުންޏެވެ.


ފޮޓޯ: ޒުވާން މަސްވެރިޔާ

ސޯޝަލް މީޑިއާގައި މަޝްހޫރު "ޒުވާން މަސްވެރިޔާ" ހަސަން ސާޖިން ވެސް ބުނީ ސަރުކާރުން މަސްވެރިންނަށް ކޮށްދޭން ވައުދުވި ކަންތައްތައް އަދިވެސް އޭގެ އެންމެ އެކަށީގެންވާ ވަރަށް ހާސިލް ނުވާ ކަމަށެވެ.

އެކަމަކު ސާޖިން ބުނީ އެތައް އަހަރެއް ވަންދެން ނިކަމެތި ހާލަތުގައި އޮތް މަސްވެރިކަމުގެ ސިނާއަތް ކުއްލިއަކަށް ނަގާ ކޮޅަށް ޖެހުމަކީ ސަރުކާރަށް ވެސް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި، މި ސިނާއަތުގައި ގިނަގުނަ ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ.

"މި އަހަރު މިހާތަނަށް ވަރަށް ގިނަ ދުވަހު މަސް ކިރާނެ ގޮތެއް ނެތިގެން، ގޮތް ހުސްވެގެން ގޮސް މާ ކަނޑަށް ބޭނި މަސްތައް އުކާލަން ޖެހުނު. މަސްވެރިއެއްގެ ހައިސިއްޔަތުން އެއީ ވަރަށް ދެރަވެ ލޮލޮން ކަރުނަ އައި ދުވަހެއް،" އޭނާ ބުންޏެވެ.

ނަމަވެސް އުންމީދަކީ ކުރިއަށް އޮތް އަހަރުގައި މަސްވެރިންނަށް ވައުދުވީ ކަންތައްތައް ފަހިވެގެން ދިޔުން ކަމަށާއި ސަރުކާރާއި ހަވާލުވެ އެއް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސް ނުދެވޭނެ ކަން ހުރިހާ މަސްވެރިންނަށް ވެސް އެނގޭނެ ކަަމަށް އޭނާ ބުންޏެވެ.

އަދި މި އަހަރު އެންމެ އެކަށީގެންވާ ނަތީޖާ ސަރުކާރަށް ނުނެރެވުނު ނަމަވެސް އުންމީދަކީ އަންނަ އަހަރުގައި މަސްވެރިންނަށްވީ ވައުދުތައް ފުއްދައިދީގެން ރަނގަޅު ގޮތްތަކެއް މަސްވެރިންނަށް ވުން ކަމަށް އޭނާ ބުންޏެވެ.

"ކުރިއަށް އޮތް އަހަރު ކަންތައްވާ ގޮތަކުން ނިންމާނި އުންމީދު ކަނޑާލަން،" އޭނާ ބުންޏެވެ.

"ފާއިތުވެގެން ދިޔަ ސަރުކާރުތަކުން މާލެ ތަރައްގީ ކުރުމަށްޓަކައި ބޮޑެތި ހޭދަކޮށް މަސްވެރިކަމަށް އަޅާނުލި ކަމުގެ ނަތީޖާ މިއަދު މި ފެންނަނީ،" ސާޖިން އިތުރަށް ބުންޏެވެ.


ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރިންގެ ޝަކުވާތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް ސީއެންއެމްއަށް ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް މަސްވެރިންނަށް ދީގެން ކުރި އެއް މަސައްކަތަކީ މަސްވެރިންގެ ފޯރަމެއް ބޭއްވުން ކަމަށާއި އެގޮތުން 15 އަތޮޅަކުން 155 މަސްވެރިއަކު އެ ފޯރަމްގައި ބައިވެރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފޯރަމުން ވެސް މަސްވެރިންގެ ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި ސަރުކާރުން އެ މައްސަލަތައް ވަރަށް ގާތުން ބެއްލެވުމަށް ފަހު ޕޮލިސީ ލެވެލްގައި ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވީހާވެސް އަވަސް މުއްދަތެއްގައި ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން މަސްވެރިންނަށް ދޭ ކަމަށް ފަޒީލް ވިދާޅުވި އެވެ.

ގައުމުގެ ލޭނާރުގެ ގޮތުގައި މަސްވެރިންވީ ހިނދު އެ މަސްވެރިންނަށް ފަހި ގޮތްތަކެއް ލިބުމުގެ އިންތިޒާރުގައި މަސްވެރިން އަންނަނީ ދުވަސްތައް ގުނަމުންނެވެ.

އިގްތިސާދުގައި މުހިއްމު ދައުރެއް މަސްވެރިން އަދާ ކުރާއިރު އެ ސިނާއަތް ފުޅާކޮށް ކުރިއެރުވުމަށް މަސްވެރިން ތިބީ ތައްޔާރަށެވެ. ދެން އޮތީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން މެކުހަށް މަސައްކަތް ކުރުމެވެ. އޭރުން ނަތީޖާ ފޮނިވާނެ ކަމާމެދު ޝައްކެތް ނެތެވެ.
ހިޔާލު