DhiraaguTV On Demand platformah Dhivehi film Bavathi annanee
image
"ބަވަތި" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ގެނައުމަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ:ދިރާގު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ދިވެހި ފިލްމު "ބަވަތި" އަންނަނީ

ދިރާގު ޓީވީ އިން "އައި ފިލްމްސް" ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމަށް ގެނައުމަށް ސޮއިކޮށްފި އެވެ.
އެ ފިލްމަކީ ބިރުވެރި، ރޮމޭންސް އަދި ކޮމެޑީގެ ބައިތަކެއް އެކުލެވިގެންވާ ޒުވާން ދެމަފިރިއަކަށް ދިމާވާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

"އައި ފިލްމްސް" އަކީ 2018 ވަނަ އަހަރު އިލްޔާސް ވަހީދު އުފެއްދި ފިލްމު ކުންފުންޔެކެވެ. "ބަވަތި" އަކީ އެ ކުންފުނީގެ ފުރަތަމަ ފީޗާ ފިލްމަށް ވާއިރު އެ ފިލްމު ހާއްސަވާ އެއް ކަމަކީ ފިރިހެން ލީޑު ރޯލުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ނިކުންނަ ފަންނާނެއް ކަމަށްވާ އިފްނާޒް ފިރާގް ފެނިގެން ދާތީ އެވެ.

އޭގެ އިތުރުން އަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) މައިގަނޑު އަންހެން ރޯލުން ފެނިގެންދާނެ އެވެ. އިފްނާޒްގެ އިތުރުން ވެސް ފިލްމުގައި ވަރަށް ގިނަ އާ ތަރިން ފެނިގެންދާނެ އެވެ. އެ ފިލްމު ސިނަމާގައި ދެއްކުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގަ އެވެ.

ސްކްރީނިން އަށް ފަހު އެ ފިލްމު ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމުން ބަލާލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގު ޓީވީން ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ފިލްމީ އުފެއްދުންތަކަށް އެއްބާރުލުންދީ ދިވެހި އުފެއްދުންތަކަށް އޮން ޑިމާންޑް ޕްލެޓްފޯމުގައި ހާއްސަ ފުރުސަތުތައް މަގު ފަހިކޮށްދެމުންދާނެ އެވެ.

އެގޮތުން ދިރާގުގެ އަމާޒަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށް މަގުފަހިކޮށް، އިތުރު ހަރުފަތަކަށް އެ ދާއިރާ ގެންގޮސްދިނުމެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ވީއޯޑީ ލައިބްރަރީ އިތުރަށް ފުޅާކޮށް، މުއްސަނދިކޮށް ވީހާވެސް ގިނަ ދިވެހި ކޮންޓެންޓް ފަސޭހަކަމާއެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ދިރާގު އޮންޑިމާންޑް
އޮން ޑިމާންޑަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގު ޓީވީގެ އޮން ޑިމާންޑް ފީޗަ ބޭނުން ކުރާނެ ގޮތް
ދިރާގު ޓީވީގެ އޮން ޑިމާންޑް ޕްލެޓްފޯމް ފަރުމާކުރެވިފައި ވަނީ ކަސްޓަމަރުންނަށް ބޭނުން ކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައިވާ "އޮން ޑިމާންޑް" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން އޮން ޑިމާންޑް ކޮންޓެންޓްތައް ބައްލަވާލެވޭނެ އެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.
ހިޔާލު