ACC ge Raees akah Shiuna adhi Naibu Raees akah Anoola
image
އޭސީސީއަށް މިއަދު އައްޔަން ކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވަނީ -- ފޮޓޯ / ރައީސް އޮފީސް
0 ކޮމެންޓް
 

އޭސީސީގެ ރައީސަކަށް ޝިއުނާ އަދި ނާއިބު ރައީސަކަށް އަނޫލާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ކަމަށް މަރިޔަމް ޝިއުނާ އެ ކޮމިޝަނުން އައްޔަނު ކޮށްފިއެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ރައީސް ކަމަށް ޝިއުނާ އައްޔަން ކުރިއިރު ނާއިބު ރައީސް ކަމަށް ފާތިމަތު އަނޫލާ އައްޔަން ކޮށްފައިވާ ކަމަށެވެ.

މި ދެބޭފުޅުން އެ މަގާމުތަކަށް އޭސީސީން އައްޔަން ކޮށްފައި މިވަނީ އޭސީސީއަށް މި ދެ ބޭފުޅުންގެ އިތުރުން އިތުރު ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވާފައި ވަނިކޮށެވެ. ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރު ކަމަށް އައިޝަތު އަބްދުﷲއާ އަލީ އަޝްރަފުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

މި ބޭފުޅުންގެ ތެރެއިން ފާތިމަތު އަނޫލާ އެންމެފަހުން މަސައްކަތްކުރައްވަމުން ގެންދެވީ ޕްރެޒިޓެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައެވެ. އަނޫލާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯގެ ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.

ކޮމިޝަނަށް މިއަދު އައްޔަންކުރެއްވި މަރްޔަމް ޝިއުނާ އެންމެ ފަހުން އަދާކުރެއްވީ ޓްރާސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމެވެ. ޝިއުނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ.

އޭސީސީއަށް އައްޔަން ކުރެއްވި ޢާއިޝަތު ޢަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގައެވެ. އާއިޝަތު ޢަބްދުﷲ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް މިއަދު ޢައްޔަންކުރެއްވި އަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓަރ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަލީ އަޝްރަފު އަންނަނީ ޔުނިވާސިޓީ އޮފް ވެސްޓަން އިންގްލެންޑުގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ހަތަރު ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ. މިރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ހަތަރު ބޭފުޅުންނާ ވަނީ ހަވާލުކޮށްދެއްވާފައެވެ.
ހިޔާލު