Ghaazee Hailam ge thuhumathuthah hus thuhumathu thakakah nuvaanetha?
image
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް -- ފޮޓޯ: ރައީސް އޮފީސް
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ގާޒީ ހައިލަމްގެ ތުހުމަތުތައް ހުސް ތުހުމަތުތަކަށް ނުވާނެތަ؟

މިދުވަސްވަރު އެންމެ ގިނައިން ދެކެވެނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ހައިލަމްގެ ވާހަކައެވެ. އޭނާގެ އިންސާފުވެރިކަމާއި އަދުލުވެރިކަމަށް ބަޔަކު މީހުން ހުރަސްއަޅާ ނުފޫޒު ފޯރުވާން އުޅުނު ގޮތުގެ ވާހަކަ އެވެ.
ހައިލަމްގެ މައްސަލަ މިފަހުން ފެށުނީ އޭނާ ރަނގަޅަށް ބަލައި ނުލާ ވައިބާ ގްރޫޕަށްލީ ފޮޓޮއަކާއި ހިސާބުންނޭ ބުނުން ގޯހަކަށްނުވާނެ އެވެ. އެހެންނަމަވެސް އެހާހިސާބުން ފެންމަތިވީ މާކުރިޔަކުން ހައިލަމަށް ބޭފުޅަކު ދެއްވި ލޯނެއްގެ ވާހަަކަ އެވެ. އަބުރުކަތިލުމުގެ ގޮތުން ދެއްކި ވާހަކަ އެކޭ ހައިލަމް ވިދާޅުވި އެވެ؟

މިހިސާބުން ރައްޔިތުން ކުރަންފެއްޓި ސުވާލުތައް ވަކި މަދެއް ނޫނެވެ.

ރާއްޖޭގެ ގިނަ ރައްޔިތުން އެތަނަކުން އަދުލު އިންސާފަށް އުއްމީދުކުރާ އެއް ތަނުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ބޭފުޅާ މާލީ ހާލަތު ދަތިވެ އަމިއްލަ ފަރާތްތަކުގެ އަތުން ލޯނު ނަންގަވަން ފެށީ ތޯއެވެ؟ އާއްމު ރައްޔިތުން ލޯނު ނަގަމުން ގެންދާ ބޭންކްތަކުން "ނެގެން އޮތް އުސޫލަކުން" ލޯނު ނުނެގުނީ ކީއްވެތޯ އެވެ؟ ހަމަ ގައިމުވެސް "ގާތް ރަހުމަތްތެރިޔާ"ގެ އަތުން ލޯނު ނުނެންގެވިނަމަ، ރައްޔިތުންގެ ހިތުގައި އަދި ކަމާ ގުޅޭ އިދާރާތަކުގެ ކުރީމަތީގައި ތުހުމަތުގެ އިނގިލި ދިއްނުކުރެވުނީސް ނޫންތޯ އެވެ؟ އަނެއްކޮޅުން ގާޒީ ހައިލަމް ވިދާޅުވާ "ގާތް ރަހުމަތްތެރިޔާ" އަކީ ސިޔާސީ އެކި ކަންކަމުގައި އިސްކޮށް އުޅުއްވި މަޝްހޫރު ސިޔާސީ ބޭފުޅެކެވެ. އެ ވިދާޅުވީ "ގާތް ރަހުމަތްތެރިޔާ" އެންމެ ފަހުން ސިޔާސީ ޕޯޑިއަމަކުން ފެނުނީވެސް ހައިލަމް މައްސަލަ ބައްލަވާ ކުރީގެ ރައީސް ޔާމީންގެ ކެމްޕޭން ޕޯޑިއަމުންނެވެ. މިހުރިހާ ކަމެއް މިހެން ހުރުމުން ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭނެ ނޫންތޯ އެވެ؟ އަދި ތުހުމަތު ކުރާ ބަޔަކަށްވެސް މިހެން ކަންކަން ހުރުމުން ތުހުމަތުގެ އިނގިލި ދިއްކޮށް ސުވާލު އުފެއްދުމަށް ރަނުގެ ފުރުސަތެއް ލިބިގެން ނުދޭތޯ އެވެ؟

ދެން އޮތީ ހައިލަމް ބަލާ ނުލާ ވައިބާ ގްރޫޕަށް ލެއްވި ފޮޓޯގެ ވާހަކަ އެވެ. ހައިލަމް ވިދާޅުވީ އެއީ ވަރަށްވެސް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ. އަދި އޭގައި ގައުމުގެ އިސްފަރާތްތަކަކާއި ވައްތަރު ކުރެހުންތަކެއް ހުރި ކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކީ ވަރަށްވެސް ދެރަކޮށް ހިނގާ ގޮސްފައިވާ ކަމެކެވެ. އެހެނީ ވައިބާ ގްރޫޕަށް ފޮޓޯއެއް ލި އިރު، އެއިން ފެންނަ އެއްޗެއް ބަލައިނުލާ ކަމަށް ގާޒީ ހައިލަމް ވިދާޅުވުމުން، ބައެއް ރައްޔިތުން އަންނަނީ ގާޒީ ހައިލަމް ބައްލަވާ މައްސަލަތައް ނިންމަވާއިރު ރަނގަޅަށް ބައްލަވާތޯ ސުވާލު އުފައްދަމުންނެވެ.

މިހުރިހާ ކަމެއް މިހެން ހުރި އިރު، އިސްގާޒީގެ މަގާމަށް ހައިލަމް ކުރެއްވި ދަތުރުފުޅަކީ، ވަރަށްވެސް ކުރު މުއްދަތެއްގައި ކުރެއްވި ކާމިޔާބު މަސައްކަތެއް ކަމަށް ބުނަންޖެހެ އެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވި ގޮތާއި މެދު ސުވާލު އުފައްދަނީކީ ނޫނެވެ. އެހެން ނަމަވެސް އިސް ގާޒީގެ މަގާމުން ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ދުރުކޮށް، ގާޒީ އާދަމް އާރިފަށް ވަގުތީ ގޮތުން ކޯޓު ހިންގުން ހަވާލުކޮށް އެކެއް ފެބްރުއަރީގެ އަމުރާ އެކު އާދަމް އާރިފް އެމަގާމުން އެއްފަރާތްކޮށް، ގާޒީ ކަމަށް ވަޑައިގެންނެވިތާ ދެ ތިން މަސްތެރޭގައި އިސް ގާޒީ ކަމަށް ހައިލަމް އައްޔަނު ކުރުމަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. ގާޒީ ހައިލަމް މަޝްހޫރުވެގެން ދިޔައީ އެހާ ހިސާބުންނެވެ.

ދެން އޮތީ އިސް ގާޒީ ހައިލަމް ނެރުއްވި ބަޔާނުގެ ވާހަކަ އެވެ. ގިނަ ބޮޑެތި ތުހުމަތު ތަކެއް ކުރެއްވި އެވެ. އިސްފަރާތްތަކެއް ގުޅާ، ކަމެއްގެ ޔަގީންކަން ހޯއްދަވަން ބޭނުންފުޅުވި ވާހަކަ އެވެ.

ގާޒީ ހައިލަމްގެ ބޭނުމަކަށްވީ މިބަޔާނުން އޭނާގެ ނަޒާހަތްތެރިކަން ހާމަކޮށްދިނުން ކަމަށް ވެދާނެ އެވެ. އެހެންކަމަށް ވާނަމަ އެންމެ ރަނގަޅު ގޮތަކަށް ވީހީ، ގުޅުއްވި ބޭފުޅުންގެ ނަންވެސް ހާމަކުރެއްވުމެވެ. ހުރިހާ ކަމެއް ސާފު ކޮށްދިނުމެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ހަމައެކަނި ތުހުމަތު ތަކުން ގާޒީ ހައިލަމް ނިންމަވާލެއްވީ އެވެ.

ހައްތަހާވެސް ތުހުމަތު ތަކެވެ. ފުލުހުން ކުރާ ލޯނެއްގެ ތުހުމަތެވެ. އެކަމަށް ބާރުދީ ޖޭއެސްސީން ކުރާ ތުހުމަތެކެވެ. އަދި ފޮޓޮއެއް ލީތީ ކަންކަން ބައްލަވާ މިންވަރާއި މެދު ރައްޔިތުން ކުރާ ތުހުމަތެވެ. މިހުރިހާ ކަމަކާއި އެކު އިސްގާޒީ ހައިލަމްގެ ތުހުމަތު ތަކެވެ.

މިހުރިހާ ކަމަކަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވި ބަސްފުޅަކީ ނުހަނު ހިކުމަތްތެރި ވާހަކަކޮޅެކެވެ.

"ފަނޑިޔާރަކު ތުހުމަތެއްގެ ތުންފަތް މަތީގައި ހުރެ ކުރާ ތުހުމަތު ވެގެން ދާނީ ހުސް ތުހުމަތަށެވެ."
ހިޔާލު