Minister Mariya Australia ge defence minister aai bahdhalu kurahvaifi
image
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޑިފެންސް މިނިސްޓްރީ
0 ކޮމެންޓް
 

މިނިސްޓަރު މާރިޔާ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ލިންޑާ ރެނޯލްޑްސާއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔައީ އޮސްޓްރޭލިއާގެ ވެރިރަށް ކެންބަރާގަ އެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ ވަޒީރުން ވަނީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެ ހިމެނޭ އިންޑޯޕެސިފިކް ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް މަޝްވަރާ ކުރައްވާފައި ކަމަށެވެ.

މީގެއިތުރުން ދެ ގައުމުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މިއަދު ތަޤްރީރުކުރައްވައިފިއެވެ.

މާރިޔާ އޮސްޓްރޭލިއާ އަށް ވަޑައިގެންނެވީ މިމަހުގެ 6 އިން 8 އަށް މެލްބަންގައި ކުރިއަށްދިޔަ މަހާސިންތާއެއްގައި ބައިވެރިވުމަށެވެ.

މިމަހާސިންތާގައި ތަގުރީރުކުރައްވަމުން މިނިސްޓަރު މާރިޔާ ވަނީ ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ"ގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި މި ސިޔާސަތުގެ ދަށުން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައްޗަށްވެސް މިނިސްޓަރު ވަނީ ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު މާރިޔާ ވަނީ މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުގައި ގައުމީގޮތުންނާއި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީގޮތުން އެއްބާރުލުން ބޭނުންވާ ކަމަވެސް ވިދާޅުވެފަ އެވެ.
ހިޔާލު